ސޯޝަލް މިޑިއާ ބޭން: އޮސްޓްރޭލިޔާ އަށް ހެދުނު ގޯސްތަކުން ރާއްޖެ އަށް ފިލާވަޅެއް
ރާއްޖެއިން އޮސްޓްރޭލިއާ މޮޑަލް އަށް އަމަލު ކުރަން ނިންމާފައިވާ އިރު މިދިޔަ އަހަރެއްހާ ދުވަހުގެ ތަޖުރިބާ އަށް ބަލާފައި ތަޖުރިބާކާރުން ދައްކަނީ ތަފާތު ވާހަކައެކެވެ. އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ ބޭން އޮތީ ފެއިލްވުމާ ގާތުގައި ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް އޮސްޓްރޭލިއާ ހެދި ބައެއް ގޯސްތަކުން ރާއްޖެ އަށް އެތައް ފިލާވަޅެއް ދަސް ކުރެވިދާނެ އެވެ. އަދި ސަމާލުވާން ޖެހޭ ބައެއް ކަންކަން ވެސް އެބަހުއްޓެވެ.
ޖޫން 1، 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމެވި ކަން އިއުލާން ކުރެއްވި އެވެ. ސައިބާ ބުލީން އާއި ގްރޫމް ކުރުމާއި އިސްލާމީ އުސޫލުތަކާ ހިލާފު އެތައް ކަމަކަށް ކުޑަކުދިން ހުޅުވިގެން ދިޔުމުގެ ނުރައްކާ ބޮޑުވެފައިވާ މައްސަލަ އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެކަމުން ކުދިން ރައްކާތެރި ކުރުމުގެ ހަރުދަނާ އުސޫލެއް ގާއިމް ކުރުމަށް ރައީސް ވިދާޅުވީ ރާއްޖެއިން ބަލާނީ އޮސްޓްރޭލިއާ މޮޑަލް އަށް ކަމަށެވެ. މިދިޔަ އަހަރު ޑިސެމްބަރު 10 އަކުން ފެށިގެން 16 އަހަރުން ފަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކުރި އެވެ. އަދި މިހާރު އޮސްޓްރޭލިއާގެ ފަހަތުން މެލޭޝިއާ ފަދަ ބައެއް އެހެން ގައުމުތަކުން ވެސް މި ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.
ރާއްޖެއިން އޮސްޓްރޭލިއާ މޮޑަލް އަށް އަމަލު ކުރަން ނިންމާފައިވާ އިރު މިދިޔަ އަހަރެއްހާ ދުވަހުގެ ތަޖުރިބާ އަށް ބަލާފައި ތަޖުރިބާކާރުން ދައްކަނީ ތަފާތު ވާހަކައެކެވެ. އޮސްޓްރޭލިއާގެ ސޯޝަލް މީޑިއާ ބޭން އޮތީ ފެއިލްވުމާ ގާތުގައި ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ނުވަތަ މުޅިން އަލަށް ފަށާ އެ މޮޑަލް ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. ސޯޝަލް މީޑިއާ ބޭން އަށް ފަހު ވެސް 16 އަހަރުން ދަށުގެ އެތައް ކުދިންތަކެއް ސޯޝަލް މީޑިއާ ބޭނުން ކުރާ ކަމުގެ މައްސަލަތަކެވެ.
ނަމަވެސް އޮސްޓްރޭލިއާ ހެދި ބައެއް ގޯސްތަކުން ރާއްޖެ އަށް އެތައް ފިލާވަޅެއް ދަސް ކުރެވިދާނެ އެވެ. އަދި ސަމާލުވާން ޖެހޭ ބައެއް ކަންކަން ވެސް އެބަހުއްޓެވެ.
އޮސްޓްރޭލިއާ މޮޑަލް: ހުރިހާ ޒިންމާއެއް ކުންފުނިތަކަށް!
އޮސްޓްރޭލިޔާއިން ފާސްކުރި "އޮންލައިން ސޭފްޓީ އެމެންޑްމަންޓް (ސޯޝަލް މީޑިއާ މިނިމަން އޭޖް) އެކްޓް 2024" ގާނޫނަކީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކާ ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅެކެވެ. އެ ގާނޫނުގެ ދަށުން ޓިކްޓޮކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ފޭސްބުކް، އެކްސް )ކުރީގެ ޓްވިޓާ)، ޔޫޓިއުބް، ރެޑިޓް، ކިކް އަދި ޓްވިޗް ފަދަ ދުނިޔޭގެ އެންމެ މަގުބޫލު ޕްލެޓްފޯމްތަކުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓް ހެދުން ގާނޫނީ ގޮތުން މަނަލެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ވަކި އުމުރުފުރައަކަށް ސޯޝަލް މީޑިއާ އެއްކޮށް މަނާ ކުރި ފުރަތަމަ ގައުމެވެ.
އޮސްޓްރޭލިއާ އިން ވެސް މި ނިންމުން ނިންމީ އެތައް ދިރާސާތަކެއްގެ އަލީގަ އެވެ. އެ ގައުމުގައި ވެސް ސޯޝަލް މީޑިއާ އަށް ދެވިހިފުމާއި ކުދިންނަށް އޭގެ ސަބަބުން ލިބޭ ނަފްސާނީ އަދި އެހެނިހެން ގެއްލުންތައް އިންތިހާ އަށް އިތުރުވަމުންދާތީ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް ގާނޫނު ތަންފީޒުކުރުމުގެ މުޅި މަސްއޫލިއްޔަތު އޮސްޓްރޭލިޔާ ސަރުކާރުން ހަވާލުކުރީ ޓެކް ކުންފުނިތަކާ އެވެ. ކުޑަކުދިން އެކައުންޓް ހެދުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ، ކޮންމެ ކުންފުންޏެއް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމާނާ ކުރުމަށް ނިންމި އެވެ. އަދި އެ ކުދިން އެކައުންޓު ހެދުން ހުއްޓުވުމަށްޓަކައި ރަސްމީ އައިޑީ ހުށަހަޅަން ޖެހުމާއި ފޭޝަލް ރެކޮގްނިޝަން ބޭނުން ކޮށްގެން އުމުރު އަންދާޒާ ކުރުން ފަދަ ފިޔަވަޅުތައް އަޅަން އެ ކުންފުނިތަކަށް މަޖުބޫރުވި އެވެ.
އެ ފިޔަވަޅުތައް އަޅަން ފެށިތާ އަހަރަކާ ގާތްވާއިރު މިހާތަނަށް ކުރެއޮވުނު ތަޖުރިބާއަކީ ކޮބާ ހެއްޔެވެ؟
އޮސްޓްރޭލިއާ މޮޑަލް އިން ނަތީޖާއެއް ނެރެވުނުތަ؟
އޮސްޓްރޭލިޔާގެ އިންޓަނެޓް ރެގިއުލޭޓާ "އީ-ސޭފްޓީ" އިން އެންމެ ފަހުން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި، އެ ގައުމުގައި ސޯޝަލް މީޑިއާ މަނާކުރި ނަމަވެސް 16 އަހަރުން ދަށުގެ ކުދިންގެ 80 އިންސައްތައަށްވުރެ ބޮޑު ބައެއް އަދިވެސް ގަވާއިދުން ސޯޝަލް މީޑިއާ ބޭނުން ކުރެ އެވެ. ސޯޝަލް މީޑިއާ މިނިމަމް އޭޖް ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން 16 އަހަރުން ދަށުގެ ކުދިންގެ 86 އިންސައްތަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރިއިރު، ބޭންކުރިތާ ތިން މަސް ދުވަސް ފަހުން ވެސް އެ އަދަދު އުޅެނީ 81 އިންސައްތައިގަ އެވެ.
ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ބޭނުންކުރާ ކުދިންގެ ނިސްބަތް 60 ޕަސެންޓުން 58 ޕަސެންޓަށް ކުޑަކޮށް ތިރިވި ނަމަވެސް އެ ކުދިން ކުޅިވަރު ކުޅުމާއި، އާއިލާއަށް ވަގުތު ދިނުން ފަދަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ މިންވަރަށް އެދެވޭ އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ސިޔާސަތު ނާކާމިޔާބުވާން ޖެހުނު އެންމެ މައިގަނޑު ސަބަބަކީ ޓެކް ކުންފުނިތަކަށް އެކަށީގެންވާ ގޮތެއްގައި ކުދިންގެ އުމުރު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުނުކުރެވުމެވެ. މީގެ އިތުރުން އުފަން ތާރީހު އޮޅުވާލައިގެން 16 އަހަރުން މަތީގެ ގޮތުގައި އެކައުންޓް ހެދުމާއި އުމުރު ކަށަވަރުކުރާ ސިސްޓަމްތަކަށް އެރި އޮޅުންތަކުގެ ފައިދާ ނަގައިގެން ގިނަ ކުދިން ސޯޝަލް މީޑިއާގައި ދެމިތިބެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދިމާވި އެހެން މައްސަލަތައް:
- ވީޕީއެން ބޭނުންކުރުން: ސަރުކާރާއި ޕްލެޓްފޯމްތަކުން އަޅާ ޖިއޯ ބްލޮކްސްތައް ވީޕީއެން މެދުވެރިކޮށް ފަސޭހަކަމާއެކު ހުރަސް ކުރެވެ އެވެ.
- އުފަންތާރީހު އޮޅުވާލުން: އެކައުންޓް ހަދާއިރު ސައްހަ ނޫން އުމުރެއް ޖެހުން ނުވަތަ މޫނު ސްކޭންކުރާއިރު ފޭކް ފޮޓޯ/އޯޑިއޯ ބޭނުންކޮށްގެން އުމުރު ކަށަވަރުކުރާ ސިސްޓމްތަކަށް އޮޅުވާލުން.
- އުމުރު ކަށަވަރުކުރުމުގެ ނިޒާމު ނާކާމިޔާބުވުން: ޓެކްނޮލޮޖީ ކުންފުނިތަކަށް އުމުރު ކަށަވަރުކުރާނެ އެކަށީގެންވާ ނިޒާމެއް ގާއިމުނުކުރެވުމާއި، ގިނަ އެކައުންޓްތަކުގެ އުމުރު ޗެކްނުކޮށް ދޫކޮށްލި އެވެ.
- ފާރަވެރިކަން ކުޑަ ޕްލެޓްފޯމްތަކަށް ބަދަލުވުން: "ލެމަން8" އާއި އޮންލައިން ގޭމިން ޕްލެޓްފޯމްތައް ފަދަ މަނާ ނުކުރާ އަދި ފާރަވެރިކަން ކުޑަ ޕްލެޓްފޯމްތަކަށް ކުދިން ބަދަލުވި އެވެ.
- ބެލެނިވެރިންގެ އެކައުންޓް ބޭނުންކުރުން: އަމިއްލަ އެކައުންޓް ބްލޮކްވުމުން ބެލެނިވެރިންގެ ނުވަތަ 16 އަހަރުން މަތީގެ މީހުންގެ އެކައުންޓްތައް މެދުވެރިކޮށް ސޯޝަލް މީޑިއާއަށް ވަނުން.
- ޕްރައިވެސީ އަދި ސެކިއުރިޓީ ނުރައްކާ: އުމުރު ކަށަވަރުކުރުމަށް އައިޑީ ކާޑާއި މޫނުގެ ސްކޭން އަޕްލޯޑްކުރަންޖެހުމުން އަމިއްލަ މައުލޫމާތު ލީކުވުމުގެ ބިރުބޮޑުވުން.
ރާއްޖެ އަށް ފިލާވަޅެއް؛ އިސްކަން ދޭންވީ ހޭލުންތެރި ކުރުވުމަށް!
މިކަމާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ޔުނިސެފްގެ ސްޓޭންޑް ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ތާއީދު ލިބިގެން ދިޔަ ކަމަކަށެވެ. އެ ޖަމިއްޔާ އިން ބުނާ ގޮތުގައި ޔުނިސެފްގެ ރައުޔަކީ ކުޑަ ކުދިން އެ ނުރައްކަލަށް ވަނުން ލަސް ކުރުމުގެ ބަދަލުގައި އެ ނުރައްކާތަކަކީ ކޮބައި ކަން ދެނެގަނެ އޭގެން ރައްކާތެރި ވެވޭނެ ގޮތްތަކަށް އެ ކުދިންގެ ލޯ ހުޅުވައި ދިނުން މާ މުހިންމެވެ.
ރާއްޖެއިން ވެސް ސޯޝަލް މީޑިއާ ބޭން އަކަށް ދާއިރު މިއީ ގެންގުޅުން ރަނގަޅު ވިސްނުމެކެވެ. ބައެއް ޕްލެޓްފޯމްތައް ބޭން ކުރުމާއި ޓެކް ކުންފުނިތައް ޒިންމާ ކުރުވުމުގެ އިތުރުން ސޯޝަލް މީޑިއާގެ ގެއްލުންތަކަށް އަހުލުވެރި ކުރުވުމަށް ގައުމީ ބޮޑު ކެމްޕެއިނެއް ފަށަން ޖެހެ އެވެ. ސްކޫލްތަކުގަ އާއި ބެލެނިވެރިން ވެސް ހޭލުންތެރި ކުރުވަން ޖެހެ އެވެ.
ހުރިހާ ޒިންމާއެއް ޓެކް ކުންފުނިތަކުން އުފުލަން ޖެހުމުގެ އިތުރުން ސަރުކާރުން ވެސް މިކަން ތަންފީޒު ކުރުމަށް ކުރެވޭނެ ކަންކަމަކީ ކޮބާތޯ ބަލަންޖެހެ އެވެ. އެގޮތުން؛
ގައުމީ ފެންވަރުގެ ޑިޖިޓަލް ހޭލުންތެރިކަމުގެ ކެމްޕޭންތައް: ރާއްޖޭގެ އެންމެހައި ސްކޫލްތަކުގައި ޑިޖިޓަލް ސޭފްޓީ ކަރިކިއުލަމެއް އޮންނަން ޖެހެ އެވެ. އަދި އޮންލައިންކޮށް ޕްރައިވެސީ ހިފަހައްޓާނެ ގޮތާއި އޮންލައިން ފުރައްސާރަ އާއި ގްރޫމްކުރުމުން ރައްކާތެރިވާނެ ގޮތް ކުދިންނަށް ދަސްކޮށްދޭން ޖެހެ އެވެ.
ބެލެނިވެރިން ބާރުވެރިކުރުވުން: ފިލްޓަރުތަކަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ފޯނުތަކުގައި ހުންނަ ޕޭރެންޓަލް ކޮންޓްރޯލްސް ބޭނުންކުރާނެ ގޮތާއި ގޭ ތެރޭގައި ކުދިންނާއެކު ވާހަކަ ދައްކައިގެން ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތް ބެލެނިވެރިންނަށް ދަސްކޮށްދޭން ޖެހެ އެވެ. އަދި އެ ފަރާތްތަކަށް ވެސް ކޭމްޕުތައް ބާއްވައި ހޭލުންތެރި ކުރުވުން މެދު ނުކެނޑި ކުރިޔަށް ގެންދަން ޖެހެ އެވެ.
ޕްލެޓްފޯމްތައް ރައްކާތެރި މިންގަނޑުތަކަށް ފެއްތުން: ރާއްޖޭގައި ބޭނުންކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުޑަކުދިންނަށް ހާއްސަ "ސޭފްޓީ ބައި ޑިޒައިން" މިންގަނޑުތައް ހުރުމަށް ޓެކް ކުންފުނިތަކަށް ބާރުއަޅަން ޖެހެ އެވެ.
ކޮންމެ ދުވަހަކު އެތައް ބަދަލުތަކާއި ކުރިއެރުންތައް އަންނަމުންދާ ޓެކް ޕްލެޓްފޯމްތައް ކުއްލިއަކަށް މަނާ ކުރަން އުނދަގޫ ވާނެ އެވެ. ނަމަވެސް އެކަމަށް ހޭލުންތެރި ޒުވާން ޖީލެއް ބިނާ ކުރުމަކީ އިންތިހާ އަށް މުހިންމު ކަމެކެވެ. އަދި ދުނިޔެ ބަލައިގެންފައިވާ ސިޔާސަތެކެވެ. އެހެންކަމުން ރާއްޖެ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ތައްޔާރުވަމުން އަންނަ އިރު ހޭލުންތެރި ކުރުމަށް އިސްކަން ދިނުމަކީ އެއީ "ރާއްޖެ މޮޑަލް" ކާމިޔާބުވުމަށް އެޅިގެންދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ވުން އެކަށީގެންވެ އެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް