25 September 2026

އިންޑިއާ ކަނޑުގެ އެންމެ ބޮޑު ލަގްޒަރީ ޔޮޓް ފްލީޓް ރާއްޖޭގައި ހަދަނީ

މި ފްލީޓް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ރާއްޖޭގެ މަތީ ފަންތީގެ ދެ ރިސޯޓު ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަދި ރޯޒްވުޑް ރަންފަރު މޯލްޑިވްސްގެ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށެވެ.

އަޒިމުތު ޔޮޓެއް ބޭރުގައި، ލަގްޒަރީ ޔޮޓު ފްލީޓެއް ހަދަން އެ ކުންފުނިން ވަނީ ނިންމާފަ

ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނުވާނެ ބޮޑު މަޝްރޫޢެއްގެ ދަށުން، އިންޑިއާ ކަނޑުގައި އޮޕަރޭޓްކުރާ އެންމެ ބޮޑު ޕްރައިވެޓް ލަގްޒަރީ ޔޮޓް ފްލީޓް ރާއްޖޭގައި ގާއިމުކުރަން އިޓަލީގެ މަޝްހޫރު ޔޮޓް ބްރޭންޑް "އަޒިމުޓް" އިން އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ އިޓަލީގެ ނޫސްތަކުން ބުނާގޮތުގައި، މި ފްލީޓް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ރާއްޖޭގެ މަތީ ފަންތީގެ ދެ ރިސޯޓު ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަދި ރޯޒްވުޑް ރަންފަރު މޯލްޑިވްސްގެ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށެވެ. ގަތަރުގެ ޕަވާ އިންޓަނޭޝަނަލް ހޯލްޑިންގްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ 'އެސެޓްސް ގްރޫޕް' އިން ހާމަކޮށްފައިވާ ގޮތުގައި މި ފްލީޓުގައި ޖުމްލަ 18 ޔޮޓު ހިމެނޭއިރު، އޭގެ ތެރެއިން 15 އުޅަނދަކީ އަޒިމުޓްގެ މަޝްހޫރު "މެޖެލާނޯ" ސީރީޒްގެ ޔޮޓުތަކެވެ.

މި ތާރީޚީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ފްރާންސްގައި ކުރިއަށްދިޔަ ކާންސް ޔޮޓިން ފެސްޓިވަލްގެ ތެރެއިން، އަޒިމުޓްގެ ގްރޭންޑް 44އެމް ފްލެގްޝިޕް ޔޮޓުގައެވެ. މިކަމާ ގުޅޭގޮތުން އެސެޓްސް ގްރޫޕްގެ ސީއީއޯ ޚާލިދު ޒީ އަލްނޯން ވިދާޅުވީ، މި އިންވެސްޓްމަންޓާއެކު އެ ކުންފުނި ވެގެންދާނީ އިންޑިއާ ކަނޑުގައި އެންމެ ބޮޑު ޕްރައިވެޓް ލަގްޒަރީ ޔޮޓް ފްލީޓް އޮޕަރޭޓްކުރާ ކުންފުންޏަށް ކަމަށެވެ. އަދި އަޒިމުޓް-ބެނެޓީ ގްރޫޕްގެ ސީއީއޯ މާކޯ ވެލޭ ސިފަކުރެއްވި ގޮތުގައި މިއީ އަލްޓްރާ-ލަގްޒަރީ ހޮސްޕިޓާލިޓީ ދާއިރާގައި އެ ކުންފުނިން ފިޔަވަޅުތައް އިތުރަށް ފުޅާކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.

މި އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓްކުރުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުމަށްޓަކައި މާލޭގައި ޚާއްސަ "އަޒިމުޓް ސާވިސް ސެންޓަރެއް" ގާއިމުކުރުމަށްވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ. މި ސެންޓަރު ހިންގާނީ އަޒިމުޓްގެ އިޓަލީ ޓީމާއި އެލީޓް ޔޮޓްސްގެ ފަރާތުން ހިންގާ 'އަޒިމުޓް ޔޮޓްސް މޯލްޑިވްސް' ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް