ސަގާފަތާއި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކާއެކު އެޓްމޮސްފިއާގެ 10 ވަނަ ރިސޯޓް ހުޅުވަނީ
މި ރިސޯޓުގެ ފަރުމާކުރުންތައް ބިނާކޮށްފައިވަނީ ރަށުގެ ވަށައިގެންވާ ކަނޑުގެ ދިރުންތަކަށާއި، ދިވެހިންގެ ޒަމާންވީ ފަންގިވިނުމުގެ ސަގާފަތް ފެންނަ ގޮތަކަށެވެ.
ދިވެހިންގެ ޒަމާންވީ ސަގާފަތާއި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ފަރުމާކޮށް، މަޝްހޫރު އެޓްމޮސްފިއާ ކޯ އިން ރާއްޖޭގައި ތަރައްގީކުރާ 10 ވަނަ ރިސޯޓު ކަމަށްވާ "ވަން ބެންޔަން އަމާރާ ފަރު އެންޑް އެޓްމޮސްފިއާ ހޮޓެލް" އަންނަ އަހަރުގެ މާޗު މަހު ފަތުރުވެރިންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ. ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ދުނިޔޭގެ މަޝްހޫރު ނޫސްތަކުގެ ފަލަސުރުޚީތަކުން ވެސް މިހާރު ވަނީ މި ރިސޯޓުން ލިބެން ހުރި ޚާއްސަ ކަންކަމުގެ މައުލޫމާތު ޖާގަ ހޯދާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑްބޯޓުގައި 45 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކުރާ މި ރިސޯޓަކީ، ޖުމްލަ 118 ވިލާ ހިމެނޭހެން އެޓްމޮސްފިއާގެ އާ "ވަން ބެންޔަން" ސީރީޒްގެ ދަށުން ތައާރަފުކުރާ ފުރަތަމަ ރިސޯޓެވެ.
މި ރިސޯޓުގެ ފަރުމާކުރުންތައް ބިނާކޮށްފައިވަނީ ރަށުގެ ވަށައިގެންވާ ކަނޑުގެ ދިރުންތަކަށާއި، ދިވެހިންގެ ޒަމާންވީ ފަންގިވިނުމުގެ ސަގާފަތް ޒަމާނީ ފެންވަރަކަށް ދައްކުވައިދޭ ގޮތަށެވެ. ބީޗް އަދި އޯވާވޯޓާ ވިލާތަކުގެ އިތުރުން 3 ސްޕެޝަލިޓީ ރެސްޓޯރެންޓާއި، އެލީނާ އާޔުރް ސްޕާ އެންޑް ވެލްނަސް ސެންޓަރެއްގެ އިތުރުން އާއިލާތަކަށް ޚާއްސަ ގިނަ ވަސީލަތްތަކާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ޚިދުމަތް ލިބެން ހުންނާނެއެވެ. އަދި ކެއިންބުއިމަށް ޚާއްސަކޮށް، އާޖެންޓީނާ އަދި ޖަޕާނުގެ ރަހަތަކާއެކު ރިސޯޓުގެ މެއިން ޕޫލް ސަރަހައްދު ވަނީ ފަރުމާކޮށްފައެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރިސޯޓު ހިންގުމަށްޓަކައި އެޓްމޮސްފިއާ ކޯ އިން ވަނީ ޚާއްސަ ސަމާލުކަމެއް ދީފައެވެ. އެގޮތުން އިރުގެ އަލިން ހަކަތަ އުފެއްދުމާއި، ފެން އިގުތިސާދުކުރާނެ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން، މިއީ އެއްކޮށް ޕްލާސްޓިކް ބޭނުންނުކުރާނެ ރިސޯޓެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އެޓްމޮސްފިއާ ކޯގެ ކޯ-ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު ސަލިލް ޕަނިގްރާހީ ވިދާޅުވީ، ރާއްޖޭގައި ފެންވަރު ރަނގަޅު އަދި ކަސްޓަމަރުންނާ ގުޅޭ ޚާއްސަ ތަޖުރިބާތަކެއް ކުރެވޭނެ ފަދަ ރިސޯޓުތަކަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނަ ކަމަށެވެ. އަދި އަމާރާ ފަރު މެދުވެރިކޮށް އެ ކުންފުނީގެ ޝިއާރު ކަމަށްވާ "އަ ނިއު އެކްސްޕީރިއަންސް އަވޭޓްސް" ހަގީގަތަކަށް ވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމާރާ ފަރު ރިސޯޓަކީ ޔޫރަޕާއި ދެކުނު އޭޝިއާގައި 20 އަށްވުރެ ގިނަ ޕްރޮޕަޓީ ތަރައްޤީކުރުމަށް އެޓްމޮސްފިއާކޯ އިން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން ކުރިއަށްދާ މުހިންމު އެއް މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް