އީގަލް ހިލްސްގެ މަޝްރޫއު އިން އިގްތިސާދު އެހެން ލެވަލްއަކަށް ގެންދާނެ: ރައީސް
އެ މަޝްރޫއުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ގެއްލުމެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި އެވެ.
އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަތިވެ އިގްތިސާދު ބޮޑުތަނުން ކުރިއަރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ގެއްލުމެއް ކުރިމަތި ނުވާނެ ކަމަށެވެ.
"ކަންކަން ފުރިހަމަކުރުމަށް އެކި ކަހަލަ އިންވެސްޓްމަންޓުތައް މި ގެންނަނީ. މިހާރު މި ސޮއިކުރެވިގެން މިދިޔަ ޕްރޮޖެކްޓަކީ އޭގެ ތެރެއިން އެއް ކަންތައް. ދެން މިތަނަކީ އިރާދަކުރެއްވިއްޔާ ހަމަ އިގްތިސާދީ ގޮތުން ބަލާއިރު ވެސް ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލް އަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލެ އާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ތަސައްވަރު އޮޅޭ ގޮތަށް ވާހަކަ ދައްކަނީ ރައްޔިތުންނަށް ފައިދާވާ ބޮޑެތި މަޝްރޫއުތައް އައުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ. އެ ފަރާތްތަކުން އެފަދަ ވާހަކަ ދެއްކި ނަމަވެސް މަޝްރޫއު ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވި އެވެ.
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކުރީ ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް