ހަމަނިދި ލިބުނަސް ވަރުބަލި، ސަބަބަކީ ކޮފީ ކަމަށް ވެދާނެ!
އާންމު ވިސްނުމަކީ ކޮފީ ބުއިމަކީ ނިދި ނާންނަ ކަމެކެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބުއިމަށްފަހު އަވަހަށް ފަސޭހައިން ނިދުނު ކަމުގައި ވީނަމަވެސް ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުން މީހާ "ޑީޕް ސްލީޕަށް" ދިޔުމަށް ހުރަސް އަޅަ އެވެ
ކޮފީ ތައްޓަކުން ދުވަސް ފަށުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު އާދައެކެވެ. އަދި ހަވީރު އަތަށް އެޅުމުން ނުވަތަ ރޭގަނޑު ރައްޓެހިންނާއެކު ވެސް ކޮފީ އަށް އެރުމަކީ ގިނަ ބައެއްގެ އާދައެކެވެ.
އާންމު ވިސްނުމަކީ ކޮފީ ބުއިމަކީ ނިދި ނާންނަ ކަމެކެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީ ބުއިމަށްފަހު އަވަހަށް ފަސޭހައިން ނިދުނު ކަމުގައި ވީނަމަވެސް ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުން މީހާ "ޑީޕް ސްލީޕަށް" ދިޔުމަށް ހުރަސް އަޅަ އެވެ. އެހެންވެ ރޭގަނޑު ކިތަންމެ އަވަހަކަށް އަށް ގަޑިއިރުގެ ނިދި ހަމަކުރިޔަސް ހެނދުނު ހޭލާއިރު މީހާ ހުންނަނީ ނިދި ވަރުބަލިވެފަ އެވެ. އަނެއްކާވެސް އިތުރު ކޮފީއަކުން ނޫނީ "އިރެއް ނާރަ" އެވެ.
ސައިންސްވެރިން ބުނަނީ ކީކޭ؟
ޕޯލަންޑްގެ ރޮކްލޯ މެޑިކަލް ޔުނިވަސިޓީ އިން ޝާއިއުކުރި ދިރާސާއެއްގައި ބުނެފައި ވަނީ ސިކުނޑީގެ އިލެކްޓްރިކަލް އެކްޓިވިޓީ ބަލައިދޭ "އީއީޖީ" (EEG) ރެކޯޑިންގްސްތަކުން ދައްކާ ގޮތުގައި، ކެފެއިންގެ ސަބަބުން ސިކުނޑިން އުފައްދައިދޭ "ސްލޯ-ވޭވްސް" މަދުވެގެންދާ ކަމަށެވެ.
މި "ސްލޯ-ވޭވްސް" އަކީ ހަށިގަނޑާއި ސިކުނޑިއަށް ބޭނުންވާ ފުރިހަމަ އަރާމާއި ވަރުބަލިކަން ފިލުވައިދޭ އަޑިނިދީގެ މަރުހަލާގައި ސިކުނޑިން ދޫކުރާ ރާޅުތަކެކެވެ.
ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރ ދޮނާޓާ ކުރުޕާސް ވިދާޅުވި ގޮތުގައި، މީހަކު ނިދާފައި އޮތް ވަގުތާއި ނިދިން ހޭލެވުނު އަދަދަށް އެކަނި ބަލައިގެން ނިދީގެ ފެންވަރު ވަޒަންނުކުރެވޭނެ އެވެ. ކެފެއިންގެ ސަބަބުން ނިދީގެ ވަގުތު ހަމަވި ނަމަވެސް، ސިކުނޑި އޮންނަނީ މުޅިން އަރާމުލިބޭ ހާލަތެއްގައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެެވެ.
ކެފެއިން އާއި ދުވަހުގެ ވަރުބަލިކަން
ކޮންމެ މީހެއްގެ ހަށިގަނޑަށް ކެފެއިން ބޭރުކުރާ މިންވަރު ތަފާތެވެ. އެހެންކަމުން، މެންދުރުފަހު ނުވަތަ ހަވީރު ބޯ ކޮފީގެ އަސަރު ވެސް ރޭގަނޑު ނިދާއިރު ބައެއް މީހުންގެ ހަށިގަނޑުގައި ހުރެދާނެ އެވެ.
މިއީ ހަށިގަނޑަށް އެނގުމެއްނެތި ދެވޭ ބޮރޯޑް އެނާޖީއެއް ކަހަލަ ކަމެކެވެ. ދުވާލު ގަޑީގައި ސިކުނޑި ހޭލައްވައިދިނުމަށް ކޮފީ ބޯއިރު، އެ ކޮފީގެ ސަބަބުން ރޭގަނޑު ރަނގަޅަށް ނުނިދުމުން ޖެހިގެން އަންނަ ދުވަހު މީހާ އިތުރަށް ވަރުބަލިވެއެވެ. އަދި އެ ވަރުބަލިކަން ފިލުވަން އަނެއްކާވެސް އިތުރަށް ކޮފީ ބޯންޖެހޭ ދާއިރާއަކަށް ނުރަނގަޅު އާދައަކަށް ވެގެންދެ އެވެ.
ކޮފީ ބުއިން ރަނގަޅު، އެކަމަކު ވިސްނަން ޖެހޭ
ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކޮފީ އަކީ މުޅިން ގޯސް އެއްޗެއް ނޫނެވެ. ނަމަވެސް ކެފެއިންއަކީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނުވާ މާއްދާއަކަށްވާތީ، ކޮފީ ބޯ މިންވަރާއި ބޯ ވަގުތަށް ސަމާލުވުން މުހިންމެވެ.
ހާއްސަކޮށް، ރޭގަނޑު ފުރިހަމަ އަށް ނިދި ލިބުނު ކަމަށް ހީވިނަމަވެސް ހެނދުނު ތެދުވާއިރު ވަރުބަލިކަން ނުފިލާނަމަ، ހަވީރުގެ ގަޑިތަކުގައި ކޮފީ ބުއިން މަދުކޮށްލުން ނުވަތަ ހުއްޓާލުން ބުއްދިވެރިއެވެ.
ހަވީރަށް ރައްޓެހިންނާއެކު "ކޮފީ" އަކަށް އެރިޔަސް ކޮފީ ނުބޮންޏާ އެ ތަފާތު ވަރަށް އަވަހަށް ފެންނާނެ އެވެ. މީހާ ޑީޕް ސްލީޕަށް ގޮސް ހަމަ ނިދި ލިބުމަކީ ޖެހިގެން އަންނަ ދުވަހު ކަންކަމަށް ފޯކަސް ހުންނަ މިންވަރާއި މީހާގެ މޫޑް އާއި ޓޮލެރެންސް ރަނގަޅު ކޮށްދޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް