އިގްތިސާދާއި ވިޔަފާރި

އެސްޓީއޯ ރޭޓުގައި 8 ރަށަކަށް ތެޔޮ ލިބޭނެ: ސައީދު

ރާއްޖޭގެ ހުރިހާ ރަށަކަށް އެ ހިދުމަތް ދިނުމުގެ މަސައްކަތް އަންނަ އަހަރު ނޮވެމްބަރުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ސައީދު ވިދާޅުވި

27 September 2026
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ--ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އަށް ރަށެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބައެއް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ތެލުގެ ވިޔަފާރި ކުރުމާއި ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ.

ސައީދު ރޭ އެކްސްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައި ވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިޔަށްދާ ކަމަށެވެ.

މިހާރު އަށް އަތޮޅެއްގެ އަށް ރަށެއްގައި އެ ހިދުމަތް ގާއިމް ކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އެއީ؛

  1. ހއ. އިހަވަންދޫ

  2. ހދ. ހަނިމާދޫ

  3. ބ. އޭދަފުށި

  4. ށ. މިލަންދޫ

  5. ފ. ނިލަންދޫ

  6. ދ. މީދޫ

  7. ރ. ދުވާފަރު

  8. ދ. ކުޑަހުވަދޫ

ސައީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އެ ހިދުމަތް ދިނުމުގެ މަސައްކަތް އަންނަ އަހަރު ނޮވެމްބަރުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް

މި މަސައްކަތަކީ ރައްޔިތުންނާއި މަސްވެރިން އަދި ސިނާއީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތަ އަށް ކުރާހޭދަ ދަށްވެ ތެޔޮ ހޯދަން ކުރާ ދިގު ދަތުރުވެސް ކުރު ކުރުމަށާއި ވަގުތު ސަލާމަތްވެ ތަކުލީފުތައް ކުޑަވާނެ މުހިންމު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް