ސޮނޭވާގެ ހިއްސާ ވިއްކާލައި ސޯނޫ ލަގްޒަރީ ހޮސްޕިޓަލިޓީގެ އައު ބާބަކަށް
ލިންކްޑްއިންގައި ކުރި ޕޯސްޓެއްގައި ސޯނޫ ބުނެފައިވަނީ އޭނާ އާއި އީވާ ގުޅިގެން އުފެއްދި ވިޔަފާރީގެ މުސްތަޤުބަލާމެދު މިހާރު ސާފު މަންޒަރެއް ފެނިއްޖެ ކަމަށެވެ.
ސޮނޭވާ ގްރޫޕްގެ ފައުންޑަރު ސޯނޫ ޝިވްދަސާނީ އާއި އެ ކުންފުނީގެ މެޖޯރިޓީ ޝެއަރހޯލްޑަރާ ދެމެދު އުފެދުނު ބޮޑު މައްސަލަގަނޑަކަށްފަހު، ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކާލަން ސިންގަޕޫރު ކޯޓަކުން އަމުރުކޮށްފިއެވެ.
މި އަމުރާއެކު ސޯނޫ އާއި އޭނާގެ އަންހެނުން އީވާ ވަނީ ސޮނޭވާގެ ހަނދާންތައް ދޫކޮށް، ލަގްޒަރީ ހޮސްޕިޓަލިޓީގެ މުޅިން އައު ބާބެއް ފަށަން ތައްޔާރުވަމުންދާކަން އިއުލާނުކޮށްފައެވެ.
ލިންކްޑްއިންގައި ކުރި ޕޯސްޓެއްގައި ސޯނޫ ބުނެފައިވަނީ އޭނާ އާއި އީވާ ގުޅިގެން އުފެއްދި ވިޔަފާރީގެ މުސްތަޤުބަލާމެދު މިހާރު ސާފު މަންޒަރެއް ފެނިއްޖެ ކަމަށެވެ. އަދި 30 އަހަރު ވަންދެން ސޮނޭވާއާއެކު ހޭދަކުރި ހަނދާންތައް އާކުރަމުން، އެ ދެމަފިރިން މިހާރު ސޮނޭވާ ފުށީގައި ދިރިނޫޅޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އޭނާ ސިފަކުރި ގޮތުގައި ރާއްޖޭގައި ދާދިފަހުން ހުޅުވި "ސޮނޭވާ ސީކްރެޓް" އަކީ އެ ކުންފުނީގައި އެމީހުން ހޭދަކުރި ދުވަސްވަރު އުފެއްދި އެންމެ ފަހު ރިސޯޓެވެ.
ކުންފުންޏާ ދުރަށްދާ މި ދަނޑިވަޅުގައި، ސޮނޭވާގެ ރިސޯޓުތަކަށް ދާދިފަހުން ލިބުނު މިޝެލިން ކީ އެވޯޑްތަކަށް ސޯނޫ ވަނީ މަރުހަބާ ކިޔާފަ އެވެ. އެގޮތުން ސޮނޭވާ ސީކްރެޓް އަދި ސޮނޭވާ ފުއްޓަށް ތްރީ ކީސް ލިބިފައިވާއިރު ސޮނޭވާ ޖާނީ އަށް ލިބުނީ ޓޫ ކީސް އެވެ.
މި ބޮޑު ބަދަލު އައިސްފައިވަނީ ސިންގަޕޫރުގެ އިންޓަނޭޝަނަލް ކޮމަރޝަލް ކޯޓުން ދާދިފަހުން ނިންމި މައްސަލައަކާ ގުޅިގެންނެވެ.
އެ ކޯޓުން ކަނޑައަޅާފައިވަނީ ސޮނޭވާ ހޯލްޑިންގްސްގެ މެޖޯރިޓީ ޝެއަރހޯލްޑަރު ސްޓީލް އެސްވީއޭ ހޯލްޑިންގްސް އިން މައިނޯރިޓީ ޝެއަރހޯލްޑަރާމެދު ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށެވެ.
ވިޔަފާރި އަށް ފަންޑުކުރުމަށް ދޫކުރި ޑެޓް ސެކިއުރިޓީސްތަކުގެ ޝަރުތުތަކުގެ ތެރެއިން ބޭއިންސާފުން އަމަލުކޮށްފައިވާކަން ސާބިތުވުމުން، ކޯޓުން ވަނީ އެ ޝަރުތުތައް ބަދަލުކޮށް، 15 ނޮވެމްބަރު 2026 ގެ ކުރިން ކުންފުނީގެ ހިއްސާ ވިއްކާލުމުގެ މަރުހަލާ (މާކެޓެޑް ސޭލް ޕްރޮސެސް) ފެށުމަށް ސްޓީލް އަށް އަންގާފަ އެވެ. ނަމަވެސް، އެ ތާރީޚުގެ ނިޔަލަށް ހިއްސާ ވިއްކައި ނިންމުމަށް އަމުރުކޮށްފައެއް ނުވެ އެވެ.
ސްޓީލް އަކީ ކޭއެސްއެލް ކެޕިޓަލް ޕާޓްނަރސް އާއި ސިންގަޕޫރުގެ ޖީއައިސީ ގުޅިގެން އުފައްދާފައިވާ އިންވެސްޓްމަންޓް ވެހިކަލްއެކެވެ. ސޮނޭވާގެ 74.9 އިންސައްތަ ހިއްސާ ސްޓީލް އަތުގައި އޮންނައިރު، ސޯނޫގެ އެސްއެޗް (ބީވީއައި) ލިމިޓެޑް މެދުވެރިކޮށް އޭނާގެ އަތުގައި އޮންނަނީ 24.8 އިންސައްތައެވެ. ކޯޓުގެ އަމުރުގައި ވާގޮތުން، 15 ނޮވެމްބަރުގައި މި ޕްރޮސެސް ފެށުމަކީ އަމަލީގޮތުން ކުރެވެން ނެތް ކަމެއްކަން ސާބިތުކޮށްދެވިއްޖެނަމަ، މުއްދަތު އިތުރުކުރަން އެދުމުގެ ފުރުސަތު ސްޓީލްއަށް އޮންނާނެއެވެ. އަދި މައިނޯރިޓީ ޝެއަރހޯލްޑަރު އައްޔަންކުރާ ޑިރެކްޓަރުންނަށް ކޮންމެ މަހަކު ޕްރޮގްރެސް ރިޕޯޓެއް ހުށަހެޅުމަށްވެސް ކޯޓުން ވަނީ ސްޓީލް އަށް އަމުރުކޮށްފައެވެ.
ކޯޓުގެ މި ނިންމުމާއެކު ޝެއަރހޯލްޑަރުންގެ އިންވެސްޓްމަންޓުން ވަކިވުމުގެ މަރުހަލާ ފެށުނު ނަމަވެސް، މި މުއާމަލާތް ނިމޭނެ ސީދާ ދުވަހެއް ނުވަތަ މުއާމަލާތް ކުރިއަށްދާނެ ވަކި ގޮތެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް